ޚަބަރު | ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން

ޕަބްލިޝްކުރި ތާރީޚް: 2020.11.21



ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 2020 ނޮވެންބަރު 20 ވަނަ ދުވަހު ޢަމަލުކުރަން ފަށައިފިއެވެ.

ޤާނޫނާ ޚިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުޞޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމެވެ. ހަމަ އެއާއެކު، ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައިވެސް، ކުދިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެކުދިން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމީ، މި ޤާނޫނު ތަންފީޛު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމުގައި ފާހަގަކުރެވެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގައާއި، އަދަބު ކަނޑައެޅުމުގައާ އަދި ޙުކުމް ތަންފީޛު ކުރުމުގެ މަރުޙަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިޞްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމީ، މި ޤާނޫނުގެ އެންމެ މުހިއްމު އެއް މަޤްޞަދުކަން ފާހަގަކުރެވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަށެވެ.

މި ޤާނޫނު ތަންފީޛު ކުރުމުގައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުވެނައިލް ކޯޓުން ގެންދަނީ ކުރަމުންނެވެ.