|
Tuesday, 25 January 2011 09:44 |
|
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރެވޭ މިންވަރު 2010 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޖުވެނައިލް ކޯޓަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން 2009 ވަނަ އަހަރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 22 މައްސަލައެއް ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާއިރު، 2010 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރުމުގެ 34 މައްސަލަ ހުށަހެޅިފައިވެއެވެ.
އަދި ހަމަ އެހެންމެ، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރެވޭ މިންވަރު އިތުރުވެގެން ގޮސްފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، 2009 ވަނަ އަހަރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ޖުމްލަ 06 މައްސަލައެއް ހުށަހެޅިފައިވާއިރު، 2010 ވަނަ އަހަރު ނިމުނުއިރު މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ޖުމްލަ 09 މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅި، އޭގެތެރެއިން 03 ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. އަދި މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ތުހުމަތުގައި ތަޙުޤީޤަށް ބަންދުކުރެވުނު 10 ކުއްޖެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަވެސް 2010 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ މައްސަލައަކީ، ވަރަށްބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށަކަށް ވުމުން، ކުޑަކުދިން މިކުށުގެ ޝިކާރައަކަށް ވެގެންދާކަމީ ވަރަށްބޮޑަށް ކަންބޮޑުވާކަމެކެވެ. މިހެންވުމުން، މައިންބަފައިންނާއި އަދި އެނޫންވެސް ފަރާތްތަކުން، ކުޑަކުދިންނާމެދު ދޭ ސަމާލުކަން މިހާރަށްވުރެ އިތުރުކޮށް، ކުޑަކުދިން މިފަދަ ކުށްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރުމީ މުހިއްމު ކަމެއް ކަމުގައި ޖުވެނައިލް ކޯޓުން ދެކެމެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައާއި، މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ މައްސަލަތައް ކުޑަކުދިންގެ މެދުގައި އިތުރުވަމުން ދިއުމުގެ މާނައަކީ، މިފަދަ ކުށްތައް ކުޑަކުދިން ލައްވާ ކުރުވާ ބަޔަކު، މުޖުތަމަޢުގައި އުޅުމެވެ. މިހެންވުމުން، ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުޑަކުދިން ދަތުރުފަތުރު ކުރުމުގައާއި، ޢާއްމު ދިރިއުޅުމުގައިވެސް ކުޑަކުދިން ބަލަހައްޓާ ފަރާތްތަކުން، މީހުންދޭ އެކިބާވަތުގެ ގޮތްނޭނގޭ ތަކެތި އެއްތަނުން އަނެއްތަނަށް ކުޑަކުދިން ލައްވައިގެންދިއުން ހުއްޓުވައި، ކުޑަކުދިންނާމެދު ޚާއްޞާ ސަމާލުކަމެއް ދީގެން ކުދިން ބެލެހެއްޓުން، އެކުދިންނާއި މުޖުތަމަޢުގެ ޙައްޤުގައި ރައްކާތެރިކަން ބޮޑުކަމަށްވެސް ޖުވެނައިލް ކޯޓުން ދެކެމެވެ. |