މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ މިންވަރު އިތުރުވަމުންއެބަދޭ Print
Wednesday, 08 December 2010 05:38

މިފަހަކަށްއައިސް މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރެވެމުންދާކަމާއި އަދި މިނިސްބަތް އިތުރުވަމުންދާކަން، ކުޑަކުދިންނާބެހޭ ކޯޓަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން، 2009 ވަނަ އަހަރު މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ޖުމްލަ 06 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ 04 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ. އަދި މިއަހަރުގެ މިހާތަނަށް، މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ތުހުމަތުގައި ތަޙުޤީޤަށް ބަންދުކުރެވުނު 10 ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަވެސް ހުށަހެޅިފައިވެއެވެ. މަސްތުވާތަކެތި ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ މައްސަލައަކީ، ވަރަށްބޮޑު  އަދަބެއް ކަނޑައެޅިފައިވާ ކުށަކަށް ވުމުން، ކުޑަކުދިން މިކުށުގެ ޝިކާރައަކަށް ވެގެންދާކަމީ ވަރަށްބޮޑަށް ކަންބޮޑުވާކަމެކެވެ. މިހެންވުމުން، މައިންބަފައިންނާއި އަދި އެނޫންވެސް ފަރާތްތަކުން، ކުޑަކުދިންނާމެދު ދޭ ސަމާލުކަން މިހާރަށްވުރެ އިތުރުކޮށް، ކުޑަކުދިން މިފަދަ ކުށްތަކުން ސަލާމަތްކުރުމަށް މަސައްކަތްކުރުމީ މުހިއްމު ކަމެއް ކަމުގައި ކުޑަކުދިންނާބެހޭ ކޯޓުން ދެކެމެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށުގެ އަދަބަކީ، 18 އަހަރުން ދަށުގެ ކުއްޖެއްނަމަ، 16 އަހަރާއި 08 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މިއަހަރުގެ މިހާތަނަށް މިބާވަތުގެ ދެ މައްސަލައެއް ސާބިތުވެ، ޙުކުމްކުރެވިފައިވެއެވެ.