|
ކުޑަކުދިންގެ ކޯޓަކީ، ކުށްކުރާކުދިންގެ ޢަދަދު މުޖުތަމަޢުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާންފެށި މައްސަލަތަކަށް ޙައްލެއްހޯދުމަށާއި، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާނޭ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) ގެ 09 ވަނަ މާއްދާގައި ބަޔާންކުރެވިފައިވުމުން ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކިކޯޓެއް ހުންނަންޖެހޭ ކަމަށް ފެނިގެން 01 އޯގަސްޓް 1997 ގައި އުފެއްދި ކޯޓެކެވެ. މިކޯޓު އުފެދުނު ތާރީޚު ގުޅިފައިވަނީ، ދަށުކޯޓުތައް ، ޖަސްޓިސް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންދިޔަ ދުވަސްވަރު، އޮނަރަބަލް އަލްފާޟިލް އަޙުމަދު ޒާހިރުގެ މިނިސްޓަރު ކަމުގައި މާލޭގެ ކޯޓުތަކުގެ އޮނިގަނޑަށް ގެނައި ބަދަލާއެވެ. އެބަދަލުގައި ވަނީ، މާލޭގައި އޭރުހުރި ކޯޓުނަންބަރުތައް އުވާލައި، އޭގެ ބަދަލުގައި، މަދަނީކޯޓު، ޖިނާއީކޯޓު، ޢާއިލާއާބެހޭކޯޓު އަދި ކުޑަކުދިންނާބެހޭކޯޓު، 01 އޮގަސްޓް 1997 ގައި އުފައްދާފައެވެ.
ކުޑަކުދިންގެ ކޯޓު އުފެދުނުއިރު، ކުޑަކުދިންގެ ކޯޓުގެ މަސައްކަތުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އުމުރުން 16 އަހަރު ނުވާ ކުދިންގެ މައްޗަށް ހުށަހެޅޭ އެންމެހައި ޖިނާއީ މައްސަލަތައް ބެލުމެވެ. ކުޑަކުދިންގެ ކޯޓު އުފެދުނުއިރު، ކުޑަކުދިންކަމުގައި، ޤާނޫނީގޮތުން ބަލަނީ މީލާދީގޮތުން އުމުރުން 16 އަހަރު ނުފުރޭކުދިންނެވެ. ނަމަވެސް އޭގެ ފަހުން، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) އަށް އިސްލާޙުގެނެވި، ކުޑަކުދިންކަމުގައި ބެލެވެނީ މީލާދީގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުދިންކަމުގައި، ހަމަޖެހުމާ ގުޅިގެން، ކުޑަކުދިންގެ ކޯޓުން ބަލަނީ އުމުރުން މީލާދީ ގޮތުން 18 އަހަރު ނުފުރޭ ކުދިންގެ މައްޗަށް ހުށަހެޅޭ އެންމެހައި ޖިނާއީ މައްސަލަތައްކަމުގައި ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ތަޙުޤީޤަށް ބަންދުކުރެވޭ 18 އަހަރުން ދަށުގެ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ބެލުމަކީވެސް 2007 ން ފެށިގެން މިކޯޓުން ކުރަމުންގެންދާ މަސައްކަތެކެވެ. މިއީ، ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރަންޖެހޭ މަސައްކަތެކެވެ. ވުމާއެކު، ހަފްތާބަންދުތަކާއި އަދި ޢީދުބަންދުފަދަ ބަންދު ދުވަސްތަކުގައިވެސް މިމަސައްކަތް ކޯޓުން ކުރާނެއެވެ.
ކުޑަކުދިންގެ ކޯޓު މިހާރު ހިންގަމުން ގެންދަނީ، މާފަންނު، ހަވީރީހިނގުމުގައި ހުންނަ ފަންހިޔާ ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައެވެ.
ކުޑަކުދިންގެ ކޯޓު ހިނގަމުންއައިގޮތް
ކުޑަކުދިންގެ ކޯޓަކީ 01 އޯގަސްޓް 2007 ގައި، އެކޯޓު އުފެދުނު އިރުއްސުރެ 05 ފެބްރުއަރީ 2009 އާހަމައަށް، އިސްޤާޟީއަކު ނެތި އެކިފަހަރު އެކިކޯޓުތަކުގެ އިސްޤާޟީންގެ ބެލުމުގެ ދަށުން ހިނގަމުންއައި ކޯޓެކެވެ. އެގޮތުން، 01 އޮގަސްޓް 1997، ގައި ކުޑަކުދިންގެ ކޯޓު އުފެދުނީއްސުރެ، 01 ޖުލައި 2001 އާހަމައަށް، ކުޑަކުދިންގެ ކޯޓު ހިންގަމުން ގޮސްފައިވަނީ، ޢާއިލާއާބެހޭ ކޯޓުގެ އިސްޤާޟީގެ ބެލުމުގެ ދަށުންނެވެ. އެއށްފަހު، 01 ޖުލައި 2001 ން 05 ފެބްރުއަރީ 2009 އަށް، ކުޑަކުދިންގެ ކޯޓު ހިންގަމުން ގޮސްފައިވަނީ، ޖިނާއީކޯޓުގެ އިސްޤާޟީގެ ބެލުމުގެ ދަށުންނެވެ. 05 ފެބްރުއަރީ 2009 ގައި ކުޑަކުދިންގެ ކޯޓަށް އިސްޤާޟީއަކު ހަމަޖެހި، މިކޯޓުގެ އިސްޤާޟީގެ ބެލުމުގެ ދަށުން ހިނގާ ކޯޓެއްގެ ގޮތުގައި މިހާރުވަނީ މިކޯޓު ހަމަޖެހިފައެވެ.
ކުޑަކުދިންގެ ކޯޓު މިހާރު ހިންގަމުން ގެންދަނީ، މާފަންނު، ހަވީރީހިނގުމުގައި ހުންނަ ފަންހިޔާ ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައެވެ.
ކޯޓު ހުޅުވާފައި ހުންނަ ގަޑިތައް
ކުޑަކުދިންގެ ކޯޓު ހުޅުވާފައިހުންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 04:00 އަށެވެ. އަދި ޢާއްމުކޮށް ހަފްތާގެ ކޮންމެ ދުވަހަކު ރޭގަނޑު 19:00 ން 22:00 އަށެވެ.
ކުޑަކުދިންގެ ކޯޓަކީ ހަފްތާގެ 07 ދުވަހު މަސައްކަތްކުރާ ކޯޓެކެވެ. ސަބަބަކީ، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރެވެނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެފަދަ މީހުން ހައްޔަރު ކުރެވޭތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރަންޖެހޭތީ، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުދިންވެސް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމަކީ، ޤާނޫނީގޮތުން ކުރަންޖެހޭކަމަކަށް ވުމުން، މިކަމަށްޓަކައި ކޯޓު ހުޅުވައިގެން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަން ޖެހޭތީއެވެ.
ކުޑަކުދިންގެ ކޯޓުން ބަލާ މައްސަލަތައް
ކުޑަކުދިންގެ ކޯޓުން ބަލަނީ، ޢުމުރުން މީލާދީގޮތުން 18 އަހަރު ނުފުރޭ ކުޑަކުދިން ކުރާ ކުށުގެ އެންމެހާ މައްސަލަތަކެވެ. މިގޮތުން، މި ކޯޓަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި،
- މަސްތުވާތަކެތީގެ މައްސަލަތައް،
- މަރާމާރީ ހިންގުމުގެ މައްސަލަތައް،
- ވައްކަމުގެ މައްސަލަތައް،
- ލައިސަންސްނެތި އެއްގަމުގައި އިންޖީނުލީ އެއްޗެހި ދުއްވުމުގެ މައްސަލަތައް، ފާހަގަކުރެވެއެވެ.
ކުޑަކުދިންގެ ކޯޓަށް މައްސަލަ ހުށަހެޅުން
ކުޑަކުދިންގެ ކޯޓަށް މައްސަލަ ހުށަހެޅޭނީ ސަރުކާރުގެ ކަމާބެހޭ ރަސްމީ ފަރާތުން އެކުށާބެހޭ ތަޙުޤީޤެއް ކުރުމަށްފަހު، އެ މައްސަލަ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިގެން އެ އޮފީސް މެދުވެރިކޮށެވެ. އެހެނިހެން މައްސަލަތައް ފަދައިން، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައްވެސް ތަޙުޤީޤު ކުރަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
ކުޑަކުދިންގެ ކޯޓުން މައްސަލަބެލުމުގައި ސަމާލުކަންދޭ ބައެއް މުހިއްމު ކަންތައްތައް
- ކުރި ކުށުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބައްދައިދީ އިޞްލާހުވާން ބޭނުންވާކުދިން އިޞްލާހުވުމަށް، ޤަވާޢިދުގައިވާ ގޮތުގެމަތިން ފުރުޞަޠު ދިނުން.
- ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުން.
- ކުޑަކުއްޖާގެ ޙައްޤުތައް ކިޔައިދީ، ޒިންމާތައް ހަނދާންކޮށްދިނުން.
- ވަކީލަކު ބޭނުންނަމަ، އެކަމަށް ފުރުޞަތުދިނުން.
- ކުށްކުރި ކުއްޖާގެ ޙާލަތު ދެނެގަތުމަށް، ކަމާބެހޭ އިދާރާއެއް މެދުވެރިކޮށް އެސެސްމަންޓް ރިޕޯޓެއް ހެދުން.
- މައްސަލަ އަވަސްކުރުން.
- މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން. މިގޮތުން، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލަނީ ޢާއްމުކޮށް ހުޅުވާލެވިފައިވާ މަޖްލީހެއްގައެއް ނޫނެވެ.
ކޯޓުން މައްސަލަ ބަލައި ނިންމުން
- މައްސަލަ ބަލައި ނިންމާނީ ކުށްކުރި ކުއްޖާގެ ޙާޟިރުގައި.
- މައްސަލަ ނިންމުމަށްފަހު، ނިންމިގޮތް އެންގުމަށްޓަކައި، މައްސަލަ ނިމުނުގޮތުގެ ޚުލާޞާއެއް މައްސަލާގައި ހިމެނޭ ފަރާތްތަކަށް ދެވޭނެ.
- މައްސަލަ ނިމުނުގޮތާމެދު ހިތްހަމަ ނުޖެހޭނަމަ، ޤާނޫނީ ހަމަތަކުގެމަތިން، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެ.
- ހައިކޯޓަށް މައްސަލަހުށަހެޅުމަށްޓަކައި، ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ބޭނުންވާނެ.
ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓާއި މައްސަލައާގުޅޭ ލިޔެކިއުންތައް ދޫކުރުން
- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށްއެދި ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމަކުން. ޢާއްމުކޮށް ފޯމުހުށަހަޅާތާ 07 ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެ.
- ރިޕޯޓު ހޯދުމަށްއެދި 20 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް ހުށަހަޅަންވާނެ.
- ކޯޓުން ދޫކުރާ ރިޕޯޓާއެކު މައްސަލައާގުޅޭ ލިޔުންތައް ދޫކުރާނީ އެކަމަށް އެދިފައިވާނަމަ. އަދި މިގޮތުން ދޫކުރާ ލިޔުމުގެ ކޮންމެ ޞަފްޙާއަކަށް -/1 ރުފިޔާގެ ފީއެއް ނެގޭނެ.
ދުވަސްވީ ޝަރުޢީ ލިޔުން، ނުވަތަ އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ދޫކުރުން
- އިސްތިއުނާފުގެ މުއްދަތު ކަމުގައިވާ 90 ދުވަސް ހަމަވުމަށްފަހު ދޫކުރާ ލިޔުމަކީ، ދުވަސްވީ ޝަރުޢީ ލިޔުމެއްކަމަށް ބެލެވޭތީ، އެފަދަ ލިޔުމެއް ހޯދުމަށް -/100 ރުފިޔާގެ ފީއެއް ނަގާގޮތަށް ހަމަޖެހިފައިވޭ. އަދި ފޮޓޯކޮޕީނަގާ ކޮންމެ ޞަފްޙާއަކަށް -/1 ރުފިޔާގެ ފީއެއް ނެގޭނެ.
- ދުވަސްވީ ޝަރުޢީ ލިޔުން ހޯދުމަށްއެދި ހުށަހަޅާއިރު ދައްކަންޖެހޭ -/100 ރުފިޔާގެ ފީއަކީ، އެލިޔުން ދޫނުކުރެވުނު ކަމުގައިވިޔަސް އަނބުރާ ދޫކުރެވޭނެ ފައިސާއެއް ނޫން.
ކުޑަކުއްޖަކު ކުރާ ކުށުގެ ޢަމަލަކުން މީހަކަށްލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭ އުޞޫލު
ކުޑަކުއްޖަކު ކުރާ ކުށުގެ ޢަމަލަކުން ލިބޭ ގެއްލުމުގެ ބަދަލުގެބައި ބަލައިދެވޭނީ، އެމައްސަލަ ދައުލަތުން ހުށަހަޅާއިރު އެ ބަދަލެއްގެބައި ބަލައިދިނުމަށް އެދިފައިވާނަމަ. މިގޮތުން ބަލާއިރު ބަދަލު ލިބެންވާމީހާ ދީފައިވާ އެޑްރެހުގައި ނޫޅޭނަމަ، ނުވަތަ ކޯޓު އަމުރު ލިބި ކޯޓަށް ޙާޟިރު ނުވެއްޖެނަމަ، އެ ބަދަލުގެބައި ބަލައިދެވިފައި ނުވާކަން އަންގައި ކުށުގެ މައްސަލަ ނިންމަނީ. މިފަދަ ޙާލަތުގައި ބަދަލު ލިބެންވާ ފަރާތުން އެ މައްސަލަ މަދަނީ މައްސަލައެއްގެ ގޮތުގައި މަދަނީ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވިދާނެ.
އުމުރުން 18 އަހަރު ފުރިހަމަވުމާ ހަމައަށް ކުޑަކުދިން ކުރާ ކުށްކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެކުއްޖެއްގެ މައިންބަފައިން. ނަމަވެސް ޢުމުރުން 18 އަހަރު ނުފުރުނުކަމުގައިވިޔަސް ވަޒީފާއެއްގައި އުޅޭ ކުއްޖެއްނަމަ، އެ ކުއްޖަކު ކުރާ ކުށުގެ މަދަނީ މަސްއޫލިއްޔަތު އުފުލާނީ އެކުއްޖަކު.
ފައިސާ ބަލައިގަތުން
މައްސަލަތަކާ ގުޅިގެން ކުރެވޭ ޖުރުމަނާގެ ފައިސާއާއި، ޤަޟިއްޔާތަކުގެ ލިޔުންތައް ހޯދަން ބޭނުންވާ ފަރާތްތަކުން ދައްކާ ފައިސާ އާއި އަދި މިނޫނަސް ކޯޓަށް ބަލައިގަންނަ ފައިސާ، ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 ން ފެށިގެން މެންދުރު 12:00 އަށް.
ލިޔުންތަކާއި ތަކެތި ބަލައިގަތުން
ކޯޓަށްލިބޭ އެންމެހައި ލިޔުންތަކާއި ތަކެތި ބަލައިގަންނާނީ، ކައުންޓަރުންނެވެ. ލިޔުންތަކާއި ތަކެތި ބަލައިގަންނާނީ، ރަސްމީ ދުވަސް ދުވަހު ހެނދުނު 08:00 ން ފެށީގެން ހަވީރު 16:00 އަށް
|